އަންގާރަ, އޮކްޓޯބަރ 7, 2025

މެސެޖުކުރުމާއި ފައިލް ފޮނުވުމުގައި ވަޓްސްއެޕަށް ބޮޑު ބަދަލެއް

މަޝްހޫރު މެސެޖިން ޕްލެޓްފޯމް ވަޓްސްއެޕްގެ މެސެޖު ޑިލީޓް ކުރުމާއި ގްރޫޕު ކުރުމުގެ ފީޗާތަކަށް ބޮޑު ބަދަލެއް ގެނެސް އާ އަޕްޑޭޓެއް އާންމުކޮށްފި އެވެ.

ފޭސްބުކްގެ ދަށުން ހިންގާ ވަޓްސްއެޕަކީ ދިވެހިންގެ މެދުގައި ވެސް އެންމެ މަގުބޫލު އެއް މެސެޖިން ޕްލެޓްފޯމެވެ. އަލަށް ގެނައި އަޕްޑޭޓަކީ ގިނަ ބަޔަކު ވަރަށް އިންތިޒާރު ކުރަމުން އައި އަޕްޑޭޓެކެވެ.

އެންމެ ފުރަތަމަ ފާހަގަކޮށްލެވޭ ބޮޑު ބަދަލަކީ ފޮނުވާ މެސެޖުތައް ޑިލީޓް ކުރުމުގެ ފީޗާ އެވެ. މީގެކުރިން އަމިއްލަ ފޮނުވާ މެސެޖު ޑިލީޓް ކުރެވޭނީ އެ ފޮނުވުމަށްފަހު 30 މިނެޓު ތެރޭގަ އެވެ. އެއަށްފަހު މެސެޖަކަށް ބަދަލެއް ނުގެނެވޭނެ އެވެ. ނަމަވެސް އަލަށް ގެނައި އަޕްޑޭޓާއެކު މެސެޖު ފޮނުވުމަށް ފަހު ދެ ދުވަސް ވަންދެން އެ މެސެޖް ޑިލީޓް ކުރުމުގެ ބާރު ޔޫސަރުންނަށް އޮންނާނެ އެވެ. އަދި ”ޑިލީޓް ފޯ މީ“ ހެދިއްޖެ ނަމަ އެ ވަގުތު އެ ”އަންޑޫ“ ކޮށް ”ޑިލީޓް ފޯ އެވްރިވަން“ ހެދޭނެ އެވެ. އެހެންވެ، އެންމެންނަށް ނުފެންނަ ގޮތަށް ޑިލީޓްކޮށްލަން ބޭނުންވާ މެސެޖެއް، ”ޑިލީޓް ފޯ މީ“ ހެދިގެން ޑިލީޓް ނުވިޔަސް މިހާރު ހާސްވާކަށް ނުޖެހޭނެ އެވެ.

ގިނަ މީހުން ވަޓްސްއެޕް ބޭނުންކުރަނީ މަސައްކަތުގެ މާހައުލުގަ އެވެ. ހާއްސަކޮށް، އޮފީހު އެންމެން ވާހަކަ ދައްކަން މަގުބޫލު އެއް ޕްލެޓްފޯމަކީ ވަޓްސްއެޕް ގްރޫޕުތަކެވެ. އަލަށް ގެނައި އަޕްޑޭޓުގައި ގްރޫޕުތަކަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ. މިހާރު ގްރޫޕް ޗެޓެއްގައި ބައިވެރިވެވޭ މީހުންގެ އަދަދު ވަނީ 512 އަށް އިތުރު ކޮށްފަ އެވެ. ކުރިން ވަޓްސްއެޕް ގްރޫޕު ޗެޓެއްގައި ބައިވެރިވެވޭނީ 300 މީހުންނަށެވެ.

ވަޓްސްއެޕް މެދުވެރިކޮށް އަޕްލޯޑުކޮށް ފޮނުވާ ފައިލްތަކުގެ ސައިޒަށް ވެސް ވަނީ މިހާރު އަޕްޑޭޓެއް ގެނެސްފަ އެވެ. މިހާރު ދެ ޖީބީ އަށް ވުރެ ބޮޑު ނުވާ ފައިލެއް ނުވަތަ ފައިލްތަކެއް އެއް ފަހަރާ ފޮނުވާލެވޭނެ އެވެ.

ވަޓްސްއެޕްގައި ކިޔާފައި ހުރި މެސެޖުތަކާއި ނުކިޔާ ހުންނަ މެސެޖުތަކުގެ ޗެޓްތައް ވަކިން ބަލައިލެވޭ ގޮތަށް ފިލްޓާއެއް ވެސް އާ އަޕްޑޭޓްގައި ވަނީ ހިމަނައިފަ އެވެ.

މި އަޕްޑޭޓް މިހާރު އެޕްސްޓޯއިންނާއި ގޫގަލް ޕްލޭސްޓޯރުން ލިބޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

މަގުބޫލް