އަންގާރަ, އޮކްޓޯބަރ 7, 2025

އާ ދިރާސާއަކުން އެޕަލް ގަޑީގެ އީސީޖީއަށް އިތުރު ޔަގީންކަމެއް ދީފި

އެޕަލް ގަޑީގެ އީސީޖީ އެޕުން ހަމަ ހަގީގަތުގައި ވެސް ހިތުގެ މައްސަލަތައް ދެނެގަނެވޭ ކަމަށް އެމެރިކަން އެކަޑަމިކް މެޑިކަލް ސެންޓަރުގެ މާޔޯ ކްލިނިކުން ބުނެފި އެވެ.

އެމެރިކާގެ 46 ސްޓޭޓަކާއި 11 ގައުމަކުން 2،454 މީހެއްގެ އެޕަލް ގަޑީގެ އީސީޖީ އެޕުން ފަސް މަސް ދުވަސް ތެރޭ އެއްވެފައި ހުރި މައުލޫމާތުގެ މައްޗަށް ބިނާކުރި ދިރާސާއިން އެނގުނު ގޮތުގައި ހިތުގެ މައްސަލަތައް ދެނެގަނެ ފުރާނައަށް ނުރައްކާވާ ހާލަތްތަކުން ދުރުކޮށްދޭން އެޕަލް ގަޑީގެ ބޭނުންކުރެވިދާނެ އެވެ.

ހިތުގެ ބަލިތަކުގެ އަލާމާތްތައް ގިނަ ފަހަރަށް ހުންނަނީ ނޭނގި އެވެ. ނަމަވެސް ގަޑީގެ އީސީޖީގެ އެހީގައި، ހިތުގައި މައްސަލައެއް އުޅޭ ނަމަ އެކަން ދެނެގަނެވޭތީ އަވަހަށް ފަރުވާ ހޯދަން ބާރަކަށްވެ އެވެ.

ދިރާސާގައި ބުނެފައިވަނީ އެޕަލް ގަޑީގެ އީސީޖީ އަކީ ހިތުގެ މައްސަލަ އުޅޭކަން ދެނެގަތުމަށް ބޭނުންކުރެވޭ ވަސީލަތަކަށް ވުމުން އަވަސް ފަރުވާ ބޭނުންވާ މީހުންނާއި އެ ނޫން މީހުން ދެނެގަނެވެ އެވެ. އެހެންވެ މިއީ ފަރުވާ ހޯދުމުގައި އިސްކަންދޭންވީ ގޮތް ދެނެގަތުމަށް ވެސް އެހީއަކަށްވާ ކަމަށް ބުނެފައިވެ އެވެ.

މި ދިރާސާއަށް ފަހު ބުނެފައިވަނީ އެޕަލް ގަޑީގައި ހުންނަ ޑޭޓާތައް އިތުރަށް ފުރިހަމަ ކުރުމަށް އޭއައި-އީސީޖީގެ މޮޑެލް އެއް ގަޑިއަށް އިތުރުކުރުން ވެސް ވަރަށް ރަނގަޅު ކަމަކަށް ވާނެ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް މޮބައިލް އެޕެއް ތައްޔާރުކޮށްފި ނަމަ އެކި އުމުރުގެ މީހުންނަށް އެކަމުން ބޮޑު ފައިދާއެއް ކުރާނެ ކަމަށް ބުނެފައިވެ އެވެ.

އެޕަލް ގަޑީގެ ސީރީޒް 4 އިން ފެށިގެން 8 އާ ހަމައަށް އީސީޖީ އެޕް ބޭނުންކުރެވެ އެވެ. އެކަމަކު އެޕަލް އިން ބުނެފައި އޮންނަނީ ހިތުގެ ހުރިހާ މައްސަލައެއް މިއިން ނޭނގޭނެ ކަމަށާއި ހާއްސަކޮށް ހާޓް އެޓޭކެއްގެ ނިޝާންތައް ދެނެގަތުމަށް މި އެޕަަށް ބަރޯސާވެގެން ނުވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މަގުބޫލް