ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގައި ކްރޮއޭޝިއާ އާއި ބްރެޒިލް ބައްދަލުކުރި މެޗް 1-1 އިން އެއްވަރުވެ ޕެނަލްޓީ ޖަހައިގެން 4-2 އިން ކްރޮއޭޝިޔާ މޮޅުވެއްޖެއެވެ.
މި ނަތީޖާގެ ސަބަބުން ބްރެޒިލް ވަނީ ވޯލްޑް ކަޕުން ކަޓައިފައެވެ. އަދި ކްރޮއޭޝިޔާ ވަނީ މުބާރާތުގެ ސެމީ ފައިނަލް އަށް ދަތުރުކޮށްފައެވެ.
ފުރިހަމަ ވަގުތު ލަނޑެއް ނުޖެހި އެއްވަރުވުމުން ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ބްރެޒިލްގެ ތަރި ނޭމާ ލީޑު ނަގައިދިން ނަމަވެސް އިތުރު ވަގުތުގެ ފަހު ހާފުގައި ކްރޮއޭޝިއާ ލަނޑު ޖަހައި ބްރެޒިލް ހާސްކޮށްލި އެވެ. އެ ލަނޑު މެޗުގެ 116 ވަނަ މިނެޓްގައި ބުރުނޯ ޕެޓްކޮވިޗް ޖެހީ މިސްލާވް އޮރިޝިޗް ނަގައިދިން ހުރަސް ގޯލްގެ ތެރެއަށް ވައްދައިލައިގެންނެވެ. ޕެޓްކޮވިޗް ޖެހި ބޯޅަ ގޯލަށް ވަނީ ބްރެޒިލްގެ ޑިފެންޑަރުގެ ގައިގައި ޖެހިފަ އެވެ.
އެއްވަރުވި މެޗުގެ ކުޅުން ނިންމާލައި ފުރަތަމަ ޕެނަލްޓީ ޖެހީ ކްރޮއޭޝިއާ އެވެ. އެ ޓީމުގެ ނިކޮލާ ވްލަޝިޗް ޖެހި ޕެނަލްޓީ ވައްދާލި އެވެ. އެކަމަކު ބްރެޒިލުން ފުރަތަމަ ޕެނަލްޓީ ޖެހި ރޮޑްރީގޯ ގޮއިސް ޖެހި ޕެނަލްޓީ ކްރޮއޭޝިއާގެ ކީޕަރު ވިލާކޮވިޗް ވަނީ މަތަކޮށްފަ އެވެ.
ކްރޮއޭޝިއާގެ މާޔާ ޖެހި ޕެނަލްޓީ ވެސް އޭނާ ވައްދާލި އެވެ. ބްރެޒިލްގެ ދެވަނަ ޕެނަލްޓީ ޖެހި ކާލޯސް ކަސެމީރޯ ޖެހި ޕެނަލްޓީ ގޯލަށް ވައްދާލި އެވެ. ކްރޮއޭޝިއާގެ ތިންވަނަ ޕެނަލްޓީ ކެޕްޓަން ލުކަ މޮޑްރިޗް ފޮނުވާލީ ގޯލްގެ ކަނަށެވެ. ބްރެޒިލްގެ ތިންވަނަ ޕެނަލްޓީ ޖެހި ޕެޑްރޯ ޕެނަލްޓީ ކްރޮއޭޝިއާގެ ކީޕަރު ލިވާކޮވިޗަށް އޮޅުވާލުމަށް ފަހު ގޯލްގެ ތެރެއަށް ވައްދާލި އެވެ.
މެޗުގެ ނަތީޖާ ހަމަހަމަވުމުން ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ދެހާފުގެ ތެރެއިން ފުރަތަމަ ހާފުގެ ފަހު މިނެޓްގައި ނޭމާ ވަނީ ބްރެޒިލަށް ލީޑް ނަގައި ދިނެވެ. ލޫކަސް ޕަކުއޭޓާ ދިން ބޯޅަ ހިފައިގެން އޭރިއާގެ ތެރެއަށް ވަދެން ނޭމާ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލީ ކްރޮއޭޝިއާގެ ޑިފެންޑަރު އަދި ގޯލް ކީޕަރު ޑޮމިނިކް ލިވަކޮވިޗް ކައިރިން ނައްޓާލުމަށްފަހު ގޯލްގެ އެތެރެއިން މަތީ ދާގަނޑަށެވެ.