އަންގާރަ, އޮކްޓޯބަރ 7, 2025

މެސީގެ މޮޅު ކުޅުމާ އެކު އާޖެންޓީނާ އަށް ދިރުން

ލުސެއިލް (ނޮވެމްބަރު 27) – ބަލިވެއްޖެ ނަމަ ގްރޫޕް ސްޓޭޖުން ކަޓާ ގޮތަށް އޮތް އާޖެންޓީނާ އިން މިރޭ ކެޕްޓަން ލިއޮނަލް މެސީގެ މޮޅު ކުޅުމާ އެކު މެކްސިކޯ 2-0 އިން ބަލިކޮށް ދެ ވަނަ ބުރުގެ އުއްމީދު ދަމަހައްޓައިފި އެވެ.

ފޭވަރިޓުންގެ ގޮތުގައި މުބާރާތާ ކުރިމަތިލި އާޖެންޓީނާ ވަނީ ފުރަތަމަ މެޗުން ހައިރާންކުރުވަނިވި ގޮތަކަށް ސައޫދީ އަރަބިއްޔާ އަތުން 2-1 އިން ބަލިވެފަ އެވެ. އެހެންވެ މުބާރާތުގައި ކުރިއަށް ދިއުމަށް މިރޭ މޮޅުވުން އެ ޓީމަށް އޮތީ މަޖުބޫރުވެފަ އެވެ.

މިވަގުތު ގްރޫޕުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓާ އެކު އޮތީ މިރޭ ސައޫދީ އަތުން 2-0 އިން މޮޅުވި ޕޮލެންޑެވެ. ތިން ޕޮއިންޓާ އެކު ދެ ވަނައިގައި އާޖެންޓީނާ އޮތްއިރު އެ އަދަދަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން އޮތީ ސައޫދީ އެވެ. އަދި ފުލުގައި އެއް ޕޮއިންޓާ އެކު އޮތީ މެކްސިކޯ އެވެ.

އާޖެންޓީނާ އަށް ދެ ވަނަ ބުރު ކަށަވަރުވާނީ ގްރޫޕުގެ ފަހު މެޗުގައި ޕޮލެންޑް އަތުން މޮޅުވެގެންނެވެ. އެއްވަރުވެއްޖެ ނަމަ ފުރުސަތު އޮންނާނީ ފަހު މެޗުން މެކްސިކޯ އަތުން ސައޫދީ މޮޅުވުން ނޫން ނަތީޖާއެއް ނުކުމެ އަދި ލަނޑުގެ ތަފާތުން ކުރި ހޯދިގެންނެވެ. ޕޮލެންޑް އަތުން ބަލިވެއްޖެ ނަމަ އާޖެންޓީނާ ކަޓާނެ އެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި އާޖެންޓީނާ އަށް އެދެވޭ ކުޅުމެއް ނުދެއްކުނެވެ. އެ ޓީމަށް ގޯލަށް އަމާޒުކޮށް ނުރައްކާތެރި ބޯޅައެއް ވެސް ފޮނުވައެއް ނުލެވުނެވެ. އެކަމަކު ދެ ވަނަ ހާފު ފަށައިގެން ކުޅުން ރަނގަޅުކޮށް އާޖެންޓީނާ ދިޔައީ މަޑުމަޑުން ފުރުސަތުތައް ތަނަވަސްކުރަމުންނެވެ. އޭގެ ތެރެއިން ފުރުސަތެއްގައި އާޖެންޓީނާ އަށް މެސީ ލީޑު ނަގައިދިނީ 64 ވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ބޯޅައެއް ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެންނެވެ.

އާޖެންޓީނާގެ ގޯލާ އެކު މެކްސިކޯ އިން ކުރިއަށް ޖެހުމުގެ ނަތީޖާއަކަށްވީ އާޖެންޓީނާ އަށް ހުސް ޖާގަތައް ލިބި އެޓޭކްތައް ވަރުގަދަކުރަން ފުރުސަތު ލިބުމެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައި ވަނިކޮށް މެސީ ދިން ޕާހަކުން އާޖެންޓީނާގެ ދެ ވަނަ ލަނޑު ޖަހައިދިނީ އެންޒޯ ފެނާންޑޭޒް އެވެ.

ގުޅުންހުރި ލިޔުންތައް

މަގުބޫލް