އަލް ކޯރު (ނޮވެމްބަރު 28) – ގަތަރު ވޯލްޑް ކަޕް ގައި ”ވަންލަވް“ ކެޕްޓަން ބޭންޑު އެޅުން މަނާ ކުރުމާ ގުޅިގެން ޖަރުމަނުން ކުރި ހަޅުތާލަށް، ގަތަރުގެ ސަޕޯޓަރުން ރައްދުދީފި އެވެ.
ޖަރުމަނާއި ސްޕެއިން ރޭ 1-1 އިން އެއްވަރުވި މެޗު ބަލަން އަލް ބަޔަތު ސްޓޭޑިއަމް އަށް އެއްވެ ތިބި ގިނަ ސަޕޯޓަރުންނެއް ވަނީ، ޖަރުމަނުން ނަސްލީ ގޮތުން ދިމާކޮށްލި، ޖަރުމަން ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު މެސުޓް އޮޒިލް ޖަރުމަން ޖޯޒީގައި ހުރި ފޮޓޯތަކެއް ހިފައިގެން، އަނގަމަތީ އަތް އަޅައިގެން ތިބެ ޖަރުމަނަށް ރައްދުދީފަ އެވެ.
އެއް ޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކޮށް އެކަމަށް އެއްބާރުލުންދޭ ”ވަންލަވް“ ކެޕްޓަން ބޭންޑް އެޅުން މަނާކުރުމާ ގުޅިގެން މި އަހަރުގެ ވޯލްޑް ކަޕް ގެ ފުރަތަމަ މެޗުގައި ޖަރުމަނުން ވަނީ ޓީމް ފޮޓޯ ނެގި ވަގުތު ކުޅުންތެރިންގެ އަނގަމަތީގައި އަތް އަޅައިގެން ފީފާ އާ ދެކޮޅަށް ދަނޑުމަތީގައި ހިމޭން އިހުތިޖާޖެއް ކޮށްފަ އެވެ.
ހަޅުތާލަކުން ފެށި އެ މެޗު ނިމުނީ ޖަރުމަނަށް ބޮޑު ލަދަކުންނެވެ. ޕެނަލްޓީއަކުން ފުރަތަމަ ހާފުގައި ލީޑު ލިބުނު ނަމަވެސް ފަހު ހާފުގައި ޖަޕާނުން ފަހަތުން އަރައި 2-1 އިން މޮޅުވީ، ޖަރުމަން ބުންޑެސްލިގާ ގައި ކުޅޭ ދެ ކުޅުންތެރިން ގޯލު ޖަހައިގެންނެވެ.
އޮޒިލް އަކީ ޖަރުމަނުން 2014 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބު ކުރި ޓީމުގެ ވެސް އެންމެ މުހިއްމު ދައުރެއް އަދާކުރި އެއް ކުޅުންތެރިޔާ އެވެ. ޖެހިގެން އައި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުން ޖަރުމަން ކެޓީ ގުރޫޕް ސްޓޭޖުންނެވެ. ނަމަވެސް އޮޒިލް ވަނީ ގުރޫޕް ސްޓޭޖުގެ ތިން މެޗުގެ ތެރެއިން ދެ މެޗު ކުޅެ، ގިނަ ދަށް ކުޅުމެއް ކުޅުނު ޖަރުމަނަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްދީފަ އެވެ.
ޖަރުމަނުން އޮޒިލް އަށް ނަސްލީގޮތުން ދިމާކުރަން ފެށީ ވޯލްޑް ކަޕްގެ ކުރިން އޭނާއާ އެކު ގައުމީ ޓީމަށް ކުޅޭ އިލްކާއީ ގުންޑޮއާން، ތުރުކީގެ ރައީސް ތައްޔިބް އުރުދުގާން އާ ބައްދަލުކޮށް، ނެގި ފޮޓޯތަކެއް އާއްމުވުމާ ގުޅިގެންނެވެ. ދެ ކުޅުންތެރިންނަކީ ވެސް ތުރުކީ ނަސްލުގެ ޖަރުމަން ކުޅުންތެރިންނެވެ. އުމުރުފުރާގެ ޓީމުތަކުން ފެށިގެން ދެ ކުޅުންތެރިން ވެސް ކުޅެމުން އައީ ޖަރުމަންގެ ގައުމީ ޓީމަށެވެ. މި ފޮޓޯތަކާ ގުޅިގެން ޖަރުމަނުން އޮޒިލްގެ ވަފާތެރިކަމާ މެދު ސުވާލު އުފައްދައިފަ އެވެ. އަދި 2018 ގެ ވޯލްޑް ކަޕުން ޖަރުމަން ކެޓުމުގެ ޒިންމާ ވެސް އެޅުވީ އޮޒިލްގެ ބޮލުގަ އެވެ.
ވޯލްޑް ކަޕަށް ފަހު ޖަރުމަން ޓީމުގެ މެނޭޖަރު އޮލިވާ ބިއޭހޮފް އާއި އޭރުގެ ފެޑެރޭޝަންގެ ރައީސް ރެއިނާޑް ގްރިންޑެލް ގެ ބޮޑެތި ފާޑުކިޔުންތައް ވެސް އަމާޒު ވިއެވެ. މިކަމާ ގުޅިގެން ގްރިންޑެލް ފަހުން އެކަމާ ހިތާމަ ކުރި ނަމަވެސް، އޭރު އޮތީ ވަގުތު ފާއިތު ވެފަ އެވެ. އޮޒިލް ވަނީ ދެން ޖަރުމަން ގައުމީ ޓީމަށް ކުޅެން ބޭނުން ނުވާކަން އިއުލާން ކޮށްފަ އެވެ.
”މޮޅުވާ އިރު އަހަރެންނަކީ ޖަރުމަން މީހެއް، އެކަމަކު ބަލި ވެއްޖެ ނަމަ އަހަރެންނަކީ ބޭރުން އައިސް ހުރި މީހެއް،“ ޖަރުމަން ގައުމީ ޓީމަށް ކުޅުން ހުއްޓާލަމުން އޮޒިލް ބުނެފައި ވެއެވެ.
އޭރު އިންގްލެންޑުގެ އާސެނަލް އަށް ކުޅެމުން ދިޔަ އޮޒިލް ބެލެވިފައި ވަނީ އެ ޖީލުގެ އެންމެ މޮޅު އެއް މިޑްފީލްޑަރުގެ ގޮތުގަ އެވެ. އޭނާ އަކީ ޕްރިމިއާ ލީގުގައި ވެސް އެންމެ މުސާރަ ބޮޑު އެއް ކުޅުންތެރިޔާ އެވެ. އޭނާ އަށް އާސެނަލް އިން މަހަކު 480،000 ޑޮލަރުގެ މުސާރައެއް ދޭ ކަމަށް ރިޕޯޓް ކުރެ އެވެ. އެހެން ނަމަވެސް 2019 ވަނަ އަހަރު ޗައިނާ އިން އެ ގައުމުގެ ޒިންޖިއާން ސަރަހައްދަށް ނިސްބަތްވާ އުއިގޫރު މުސްލިމު އާބާދީއާ މެދު ކަންތައް ކުރާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ބަސް ބުނަން ފެށުމުން އާސެނަލް އިން ވެސް އޭނާ އަށް ކުޅުމުގެ ފުރުސަތު ނުދީ ބާކީ ކޮށްލީ އެވެ.
އޭގެ ފަހުން އާސެނަލް އިން ރިލީޒް ހޯދައިގެން އޮޒިލް ކުޅެނީ ތުރުކީ ލީގުގަ އެވެ.
އޮޒިލް ގައުމީ ޓީމަށް ކުޅުން ހުއްޓާލިއަސް ގުންޑޮއާން އަކީ އަދިވެސް ޖަރުމަން ގައުމީ ޓީމަށް ކުޅޭ ކުޅުންތެރިއެކެވެ. އޭނާ ވެސް ވަނީ ޖަރުމަނުން ފުރަތަމަ މެޗުގައި ކުރި އިހުތިޖާޖުގައި ބައިވެރި ވެފަ އެވެ. އެކަމަކު ސްޕެއިންއާ ދެކޮޅަށް ކުޅެ ރޭ 1-1 އިން އެއްވަރުވި މެޗަށް ފަހު މީޑީއާއާ ވާހަކަ ދައްކަމުން އޭނާގެ ރާގު ތަފާތެވެ.