އަންގާރަ, އޮކްޓޯބަރ 7, 2025

އިންޑިއާ އިން 1950 ގެ ވޯލްޑް ކަޕަށް ނުދިޔައީ ކީއްވެ؟

އަވަށްޓެރި އިންޑިއާ އަކީ ކްރިކެޓަށް މަރުދޭ ގައުމެކެވެ. އެ ގައުމުން ކްރިކެޓް ވޯލްޑް ކަޕް ދެ ފަހަރު ކާމިޔާބުކޮށްފައިވެ އެވެ. އަދި ދުނިޔޭގެ ފެންވަރުގެ ކްރިކެޓް ތަރިންތަކެއް އުފައްދާފައިވެ އެވެ. އެކަމަކު ގިނަ ބަޔަކަށް ނޭނގުނު ނަމަވެސް ކްރިކެޓުގައި ވިދާލުމުގެ ކުރިން، އިންޑިއާ އަކީ ފުޓްބޯޅައިގެ ވަރުގަދަ ގައުމެކެވެ. އެއީ މީގެ 70 އަހަރު ކުރިން އޭޝިއާގެ ޗެމްޕިއަނެވެ. އެ ޓީމަށް 1950 ވަނަ އަހަރު ބްރެޒިލްގައި އޮތް ފީފާ ވޯލްޑް ކަޕުން ވެސް ފުރުސަތު ލިބުނެވެ. އެކަމަކު އެ ފުރުސަތުގެ ބޭނުމެއް އިންޑިއާ އިން ނުކުރި އެވެ. އެއީ އިންޑިއާގެ ވަރަށް ގިނަ ކުޅިވަރު ނޫސްވެރިން ދެކޭ ގޮތުގައި، އެ ގައުމުން ކުޅިވަރުގައި މިހާތަނަށް ނިންމި އެންމެ ގޯސް ނިންމުމެވެ.

އިނގިރޭސިންގެ އަތްދަށުގައި އިންޑިއާ އޮތްއިރު އެ ގައުމަށް 1800ގެ އަހަރުތަކުގެ ފަހުކޮޅު ފުޓްބޯޅަ ތައާރަފުވި ނަމަވެސް، އޭރު އެ ކުޅިވަރު އޮތީ ހަމައެކަނި އެތެރޭގެ ހަރަކާތެއްގެ ގޮތުގަ އެވެ. އިނގިރޭސިންގެ އަތުން އިންޑިއާ އަށް 1947 ވަނަ އަހަރު މިނިވަންކަން ލިބުމާ އެކު ފުޓްބޯޅަ ވެސް މިނިވަންވެ ދުނިޔޭގެ އިސްޓޭޖަށް މިސްރާބު ޖެހި އެވެ.

މިނިވަން ދައުލަތެއްގެ ގޮތުގައި އިންޑިއާ އިން ވާދަކުރި ބައިނަލްއަގްވާމީ ފުރަތަމަ ފުޓްބޯޅަ އިވެންޓަކީ، އިނގިރޭސި ވިލާތުގެ ލަންޑަނުގައި 1948 ވަނަ އަހަރު އޮތް އޮލިމްޕިކްސް އެވެ. އެ މުބާރާތުގައި އިންޑިއާ ކުޅުންތެރިން ކުޅުނީ ހުސްފައިގަ އެވެ. އޭރު ވޯލްޑް ކަޕަށް ވުރެ ޝަރަފްވެރި މުބާރާތެއްގެ ގޮތުގައި އޮތް އޮތް އަދި ފީފާ އިން އިންތިޒާމުކުރި އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓުގައި އިންޑިއާގެ ފުރަތަމަ ފެނިލުން ވެސް އެތައް ބައެއްގެ ލޮލުގައި އަޅައިގަތެވެ. ކުއާޓާ ފައިނަލުން ގަދަފަދަ ފްރާންސް އަތުން 2-1 އިން ނަމަވެސް އިންޑިއާ އިން މޮޅު ކުޅުމެއް ދެއްކި އެވެ.

މެޗުގެ 70 ވަނަ މިނެޓާ ހަމައަށް ނަތީޖާ 1-1 ގައި އޮތްއިރު، އިންޑިއާ އަށް ދެ ޕެނަލްޓީއެއް ވެސް ލިބުނެވެ. އެކަމަކު ވާރޭ ވެހި ޗަކަ ހެދިފައި އޮތް ލަންޑަނުގެ ސްޓޭޑިއަމުގެ ޕެނަލްޓީ ސްޕޮޓް މަތިން، ޕެނަލްޓީ ޖަހަން ދިޔަ އިންޑިއާ ކުޅުންތެރިޔާ ކައްސާލީ އެވެ.

”އަހަރެމެން ބޫޓު ލައިގެން ތިބި ނަމަ، އަހަރެމެންނަށް މިނިވަންކަން ލިބިގެން އައި ފުރަތަމަ އަހަރު ފްރާންސް ބަލިކުރެވުނީސް. ހިޔާލަށް ގެނެވިދާނެ އޭރުން މި ގައުމުގެ ފުޓްބޯޅަ އަށް ވާނެ ގޮތް،“ މިހާރު ނިޔާވެފައިވާ އިންޑިއާގެ މަޝްހޫރު ފުޓްބޯޅަ ކޮމެންޓޭޓަރު އަދި ލިޔުންތެރިޔާ ނޯވީ ކަޕާޑިއާ ބުނެފައިވެ އެވެ.

އޭރު ފީފާ އިން ދިޔައީ، ދެ ވަނަ ބޮޑު ހަނގުރާމައިގެ ސަބަބުން މެދުކަނޑާލާފައި އޮތް ވޯލްޑް ކަޕް އަލުން ފަށައިގަތުމަށް މަސައްކަތްކުރަމުންނެވެ. އަދި ބްރެޒިލްގައި 1950 ވަނަ އަހަރު އޮތް މުބާރާތުން އޭޝިއާގެ ޓީމަކަށް ޖާގަ ދޭން ނިންމައި އެ ޖާގައަށް ވާދަކުރުމުގެ ފުރުސަތު އިންޑިއާ ހިމެނޭހެން ހަތަރު ގައުމަކަށް ފީފާ އިން ދިނެވެ.

އެކަމަކު އޭގެ ތެރޭގައި ދެން ހިމެނުނު ބަރުމާ އާއި ފިލިޕީންސް އަދި އިންޑޮނީޝިއާ އިން، ބްރެޒިލަށް ކަނޑުމަގުން ކުރަން ޖެހޭ ދިގު ދަތުރުގެ ސަބަބުން ކޮލިފައިން އިން ވަކިވި އެވެ. އެއާ އެކު އިންޑިއާ އަށް ވޯލްޑް ކަޕުގެ ޖާގައެއް އޮޓޮމެޓިކުން ލިބުނެވެ.

އެކަމަކު އިންޑިއާ ވެސް ދާ ހިޔާލެއް ނުކުރި އެވެ. އެއް ސަބަބަކީ އޭރު ވޯލްޑް ކަޕަކީ ދެ ވަނަ ދަރަޖައިގެ މުބާރާތަކަށް ވެފައި އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ހުރިހާ ސަމާލުކަމެއް އޮތީ އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓުގައި ވާދަކުރުމަށް ކަމަށް ވުމެވެ.

”ފެޑެރޭޝަނަށް ހީވީ ވޯލްޑް ކަޕުގައި ކުޅެފި ނަމަ، އޮލިމްޕިކްސްގައި ނުކުޅެވިދާނޭ. އެކަމަކު އެއީ ގޯސްކޮށް ވިސްނިފައި އޮތް ކަމެއް،“ ކަޕާޑިއާ ބުންޏެވެ.

އަނެއް ސަބަބަކީ ވޯލްޑް ކަޕަކީ ކިހާ ވަރެއްގެ މުބާރާތެއްކަން ކުޅުންތެރިންނަށް ނޭގޭތީ ކުޅުންތެރިން ވެސް، އަދާކުރަމުން ދިޔަ ވަޒީފާ އިން ޗުއްޓީ ނަގައިގެން ކަނޑުމަގުން ދިގު ދަތުރެއްކޮށް ބްރެޒިލަށް ދާން ބޭނުންނުވުމެވެ.

”މުބާރާތަށް ދިޔަ ނަމަ އިންޑިއާގެ ކެޕްޓަންކަން ކުރާނެ ސައިލެން މަންނަ ގާތު އަހަރެން އެހިން ކީއްވެހޭ ނުދިޔައީ؟ އޭނާ ބުނީ ވޯލްޑް ކަޕަކީ ކޮން މުބާރާތެއްކަން ނޭގޭ ކަމަށާއި އެ މުބާރާތާ ބެހޭގޮތުން ވެސްޓް ބެންގާލުގެ ނޫސްތަކުގައި ލިޔަނީ އެންމެ ޕެރެގްރާފެއް ކަމަށް،“ ކަޕާޑިއާ ބުންޏެވެ.

”އޭރު ކުޅެގެން ކުޅުންތެރިންނަށް އާމްދަނީއެއް ނުލިބޭ. އެހެންވެ މުބާރާތަށް ދަންޏާ ވަޒީފާ އިން ވީއްލިގެން ދާން ޖެހޭނީ. އެހެން ދާން ކުޅުންތެރިން ބޭނުންނުވީ.“

ވޯލްޑް ކަޕަށް އިންޑިއާ ނުދިޔަ އެހެން ސަބަބެއް ވެސް އޮތެވެ. އެއީ އިންޑިއާ ކުޅުންތެރިން އޭރު ކުޅެމުން ދިޔައީ ހުސްފައިގައި ކަމަށްވުމެވެ. ފެޑެރޭޝަނަށް ގަބޫލުކުރެވުނީ ހުސްފައިގައި ކުޅެގެން ކާމިޔާބެއް ނުހޯދޭނެ ކަމަށެވެ. އަނެއްކޮޅުން ފީފާ އިން އޭރު އޮތީ އެ މުބާރާތުގައި ހުސްފައިގައި ކުޅުން މަނާކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

މަގުބޫލް