ޔޫރަޕްގެ އިތުރު ގައުމުތަކުން ޔުކްރެއިންއަށް އިތުރު އަސްކަރީ އެހީ ފޯރުކޮށްދޭން އެއްބަސްވެޖެއެވެ. ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންކްސީގެ ގޮވާލެއްވުމަށް ޔޫރަޕްގެ ގައުމުތަކުން އެއްބަސްވީ މިހާރު އެސްޓޯނިއާގެ ޓާޕާ އާރމީ ބޭސް ގައި ޔޫރަޕްގެ ގައުމުތަކުން ބާއްވަމުންދާ ބައްދަލުވުމުގައެވެ.
މިގޮތުން ރަޝިޔާއިން ޔުކްރެއިން އަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށްޓަކައި އިނގިރޭސިވިލާތުން 600 ބްރިމްސްޓޯން މިސައިލް ދޭން އެއްބަސްވެފައިވެއެވެ. މީގެ ކުރިންވެސް އިނގިރޭސިވިލާތުން ވަނީ މި ބާވަތުގެ މިސައިލް ޔުކްރެއިންއަށް ފޯރުކޮށްދީފައެވެ.
ޔޫރަޕްގެ 11 ގައުމެއްގެ ފަރާތުން މަންދޫބުން ބައިވެރި މި ބައްދަލުވުމުގައި ރަޝިޔާއިން ފޭރިގެންފައިވާ ބިންތައް އަނބުރާ ހޯދުމަށާއި ރަޝިޔާއިން ޔުކްރެއިންގެ އިތުރު ސަރަހައްދުތައް ހިފުމަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށްޓަކައި ވަރަށް ގިނަ އެހީތަށް ވެދިނުމަށް ވައުދުވެފައި ވެއެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތް، ޕޯލަންޑް، ލަޓްވިއާ، ލިތުއޭނިއާ، ޑެންމާކް، ޗެކް ރިޕަބްލިކް، އެސްޓޯނިއާ، ނެދަރލޭންޑް އަދި ސްލޮވާކިއާ ހިމެނެއެވެ.
މިގައުމުތަކުން ނެރެފައިވާ ގުޅިފައިވާ ބަޔާނުގައިވާ ބައެއް އެހީތައް ތިރީގައި މި ވަނީއެވެ.
- އިނގިރޭސިވިލާތް – 600 ބްރިމްސްޓޯން މިސައިލް
- ޑެންމާކް – ފްރާންސްގައި އުފައްދާފައިވާ 19 ސީޒަރ ސެލްފް-ޕްރޮޕެލްޑް ހޮވިޓްޒަރ ބޮޑު ބަޑި
- އެސްޓޯނިއާ – ހޮވިޓަޒަރ، އެމޯ، ސަޕޯޑް ވެހިކަލް އަދި އެންޓި-ޓޭންކް ގްރެނޭޑަރ ލޯންޗަރ
- ލަޓްވިއާ – ސްޓިންގަރ އެއަރ-ޑިފެންސް ސިސްޓަމް، 2 ހެލިކޮޕްޓަރ އަދި ޑްރޯން
- ލިތުއޭނިއާ – އެންޓި-އެއަރކްރާފްޓް ބަޑި އަދި 2 ހެލިކޮޕްޓަރ
- ޕޯލަންޑް – S-60 އެންޓި-އެއަރކްރާފްޓް ބަޑި، 70،000 އެމިއުނިޝަން އާއި އެކު
- ޗެކް ރިޕަބްލިކް – އެމިއުނިޝަން، ހޮވިޓްޒަރ ބޮޑު ބަޑި އަދި އޭޕީސީ
- ނެދަރލޭންޑް – ދޭނެ އެހީ އަދި އިއުލާން ނުކުރޭ
ޖަރުމަނު ވިލާތުން އަދިވެސް ދަނީ އެގައުމުގެ ލެޕަރޑް-2 ޓޭންކް ޔުކްރެއިން އަށް ދޭން ފަސް ޖެހެމުންނެވެ. ޖަރުމަނުން ބުނާގޮތުން އެގައުމުން މި ބާވަތުގެ ޓޭންކް ޔުކްރެއިން އަށް ފޮނުވާނީ އެމެރިކާއިން އެގައުގެ އޭބްރަމް ޓޭންކް ޔުކްރެއިން އަށް ފޮނުވަން އެއްބަސްވާ ނަމައެވެ.