މުޒާހަރާކުރަމުންދާ ރައްޔިތުން ބުނާގޮތަށް ގައުމުގެ ވެރިން ކަންކަން ކުރަންޖެހޭ ކަމަށް އީރާނުގެ ކުރީގެ ރައީސް މުޙައްމަދު ޚާތަމީ ވިދާޅުވެއްޖެއެވެ.
މި މުޒާހަރާތައް ފެށިގެން އައީ އުމުރުން 22 އަހަރުގެ މަހްސާ އަމީނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މަރުވުމާއި ގުޅިގެންނެވެ. މަހްސާ އަމީނީ ”ދީނީ ފުލުހުން“ ހައްޔަރުކޮށްފައިވަނީ ބުރުގާ އަޅަންޖެހޭގޮތް ނޫން ގޮތަކަށް ބުރުގާ އަޅައިގެން ހުރުމުން ކަމަށް ބުނެވެއެވެ.
އީރާނުގެ އަންހެނުން އިސްނަގައިގެން ފެށުނު މި މުޒާހަރާތައް އީރާނުގެ 150 އަށްވުރެން ގިނަ ސިޓީ އާއި 140 ޔުނިވަރސިޓީއެއްގައި ކުރިއަށް ގޮސްފައި ވެއެވެ. ބެލެވޭގޮތުގައި މިއީ އީރާނުގައި 1979 ވަނަ އަހަރު ގެނެވުނު އިސްލާމީ އިންގިލާބަށްފަހު ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމެވެ.
އީރާނުގެ ސަރުކާރުން އަދި މިހާރު ވެރިކަމުގައި ހުރި ހަރުކަށި ރައީސް އިބްރާހީމް ރައީސީ ސިފަކުރައްވާގޮތުގައި މި ”ހަމަނުޖެހުމުގެ“ އަޑީގައިވަނީ ބޭރުގެ ދުޝްމަން ފަރާތްތަކެވެ. އަދި ސަލާމާތީ ބާރުތަކަށްވަނީ ބާރުގެ ބޭނުންކޮށްގެން މި ހަމަނުޖެހުންތައް ހުއްޓުވުމަށް އަމުރުކޮށްފައެވެ.
މި މުޒާހަރާތަކުގައި މިހާތަނަށް މަދުވެގެން 473 މީހުން މަރުވެފައިވެއެވެ. އަދި 18215 މީހުން ހައްޔަރުކޮށްފައިވާ އިރު މީގެ ތެރެއިން 586 މީހުންނަކީ ކިޔަވާކުދީންނެވެ. އަދި 60 އަށްވުރެން ގިނަ ސަލާމަތީ ބާރުތަކުގައި މަސައްކަތްކުރާ މީހުންވެސް މަރުވެފައިވެއެވެ.
ޚާތަމީ އަކީ އިސްލާހަށް މަސައްކަތްކުރެއްވި ބޭފުޅެކެވެ. އަދި އީރާނުގެ ރައީސް ކަމުގައި 1997 އިން 2005 ވަނަ އަހަރާއި ހަމައަށް ދެ ދައުރު ވެރިކަން ކުރައްވާފައިވެއެވެ.