އަންގާރަ, އޮކްޓޯބަރ 7, 2025

އިމްރާންގެ ދައުވަތަށް އެތައް ހާސް ބަޔަކު މަގުތަކަށް

މަގާމުން ދުރުކޮށްފައިވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ގޮވައިލެއްވުމަށް އިޖާބަ ދީ ޕާކިސްތާނުގެ އާންމުންގެ އެތައް ހާސް ބަޔަކު ރޭ މަގުތަކަށް ނުކުމެ، އިމްރާން ޚާނާއެކު ބޮޑު އެއްވުމެއް ބާއްވައިފި އެވެ.

ޕާކިސްތާނުގެ ހަތަރު ވަނައަށް އެންމެ ބޮޑު ސަހަރު ކަމަށްވާ ރާވަލްޕިންޑީގައި އިއްޔެ ހަވީރުން ފެށިގެން ރެޔާ ހަމައަށް ބޭއްވި މި އެއްވުމަކީ، މި މަހުގެ ތިން ވަނަ ދުވަހު އިމްރާން ޚާނަށް ދިން ބަޑީގެ ހަމަލާއަށް ފަހު، އޭނާ ބައިވެރިވެވަޑައިގެންނެވި ފުރަތަމަ އެއްވުމެވެ. އިމްރާނަށް ބަޑިން ހަމަލާ ދިނީ، ޕާކިސްތާނުގައި އަވަސް އިންތިޚާބެއް ބޭއްވުމަށް ސަރުކާރަށް ބާރު އެޅުމުގެ ގޮތުން، އެ ގައުމުގެ ބޮޑެތި ސަހަރުތަކުގައި ފެއްޓެވި ސިލްސިލާ ހިނގާލުމުގެ ތެރެއިން ވަޒީރު އާބާދުގައި ބޭއްވި އެއްވުމުގައި އުޅުއްވަނިކޮށެވެ.

އެ ހަމަލާގައި އިމްރާންގެ ދެ ފައި ޒަޚަމްވުމާ ގުޅިގެން، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ. އެ ހާދިސާގައި އެކަކު މަރުވެ އިތުރު 10 މީހަކު ޒަޚަމްވި އެވެ. ޕާކިސްތާނު ފުލުހުން އެ ހަމަލާ ތަހުގީގު ކުރަމުން އަންނަ އިރު، ޕާކިސްތާނު ސަރުކާރުން ބުނެފައިވާ ގޮތުގައި އެއީ ދީނީ ހަރުކަށި ފިކުރުގެ ބަޔަކު އަޑީގައި ތިބެގެން ދިން ހަމަލާއެކެވެ.

ޒަޚަމްތަކަކާ އެކު ފުރާނަ ސަލާމަތްވުމާ އެކު، އިމްރާން ޚާން ވަނީ އޭނާގެ ސިލްސިލާ ހިނގާލުން ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފަ އެވެ. ރާވަލްޕިންޑީގައި އިއްޔެ ބޭއްވި އެއްވުމަށް އިމްރާން ޚާން ވަޑައިގަތުމާ އެކު، އެ ސަރަހައްދުގެ މަގުތަކުގައި ފުރި ބާރުވެފައި ތިބި އެތައް ހާސް ބަޔަކު، އަޑު އުފުލައި އޭނާ އަށް މަރުހަބާ ދެންނެވި އެވެ.

ޕާކިސްތާން ރައްޔިތުންގެ ފަރާތުން އިމްރާން ޚާން އެދިވަޑައިގަތީ، މަރަށް ބިރު ނުގަނެ ދިރިއުޅެމުން ދިއުމަށެވެ. އޭނާ ފައްޓަވާފައިވާ ސިލްސިލާ ހިނގާލުމަކީ ވެރިރަށް އިސްލާމް އާބާދަށް ނިންމުމަށް ރާވާފައި އޮތް ހިނގާލުމެއް ނަމަވެސް، އިސްލާމް އާބާދަށް އެއްވެއްޖެ ނަމަ، ބޮޑު ހަމަނުޖެހުން ހިނގާނެކަން ކަށަވަރުވާތީ، އިސްލާމް އާބާދަށް ހިނގާލުން ކުރިއަށް ނުގެންދަވާނެ ކަމަށް ރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިގްތިސާދީ ގޮތުން ފުން ވަޅުގަނޑެއްގައި އޮތް މިފަދަ ވަގުތެއްގައި ގައުމު ހަލަބޮލިކަމެއްގެ ތެރެއަށް ވައްޓައިލުމަކީ ޕާކިސްތާނަށް މަސްލަހަތު ހުރި ގޮތެއް ނޫން ކަމަށެވެ. އިސްލާމް އާބާދަށް ވަޑައިގެންފި ނަމަ، އެ ސަހަރުގައި ބޮޑު ހަމަނުޖެހުމެއް އުފެދޭނެކަން ޔަގީންވާ ކަމަށާއި، އެފަދަ ހަމަނުޖެހުމަކުން ހުރިހާ ގެއްލުމެއް ލިބޭނީ ޕާކިސްތާނަށް ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މުޅި ޕާކިސްތާނުގައި މިހާރު އޮތީ ކޮރަޕްޝަނެވެ. މައި ސަރުކާރުން ފެށިގެން ސްޓޭޓްތަކުގެ ގާނޫނު ހަދާ މަޖިލިސްތައް ވެސް އޮތީ ކޮރަޕްޝަނުން ފޯވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮރަޕްޝަން ފަތުރާ ބަޔަކާ އެކުވެގެން އުޅެން ބޭނުންނުވާ ކަމަށް ވިދާޅުވެ، ސްޓޭޓްތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުން ވެސް، އޭނާގެ ޕާކިސްތާން ތަހްރީކޭ އިންސާފް ޕާޓީ ވަކިވާނެ ކަމަށް ވިދާޅުވި އެވެ.

އިމްރާން ޚާން، ޕާކިސްތާނުގެ ބޮޑުވަޒީރުކަމުގެ މަގާމަށް ވަޑައިގަތީ، އޮގަސްޓް 2018 ގައި ބޭއްވި އާންމު އިންތިޚާބުގައި، އޭނާގެ ޕާޓީން ވާދަކުރި 270 ގޮނޑީގެ ތެރެއިން 116 ގޮނޑި ކާމިޔާބު ކޮށްގެންނެވެ. އޭނާ މަގާމުން ދުރުކުރީ، އިދިކޮޅު ޕާޓީތަކާއި ވެރިކަން ކުރާ ކޯލިޝަންގެ ބައެއް ޕާޓީތައް ގުޅިގެން، އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅައިގެން، އޭނާގެ ސަރުކާރަށް އިތުބާރު ނެތް ކަމަށް ފާސްކޮށްގެންނެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރުގެ މަގާމުން އިމްރާން ޚާން ވަކިކުރީ، އެޕްރީލް 10 ވަނަ ދުވަހު، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ބޭއްވި ޖަލްސާގައި، އޭނާގެ އިތުބާރު ނެތް ކަމަށް، 174 މެމްބަރުން ވޯޓު ދެއްވައިގެންނެވެ. ގާނޫނު ހަދާ މަޖިލީހުގެ 342 މެންބަރުންގެ ތެރެއިން، އިތުބާރު ނެތް ކަމުގެ ވޯޓު ފާސްކުރަން ބޭނުންވަނީ 172 ވޯޓެވެ.

ގުޅުންހުރި ލިޔުންތައް

މަގުބޫލް