ކޮވިޑް-19 ވަބާ އިން ރައްކާތެރިވުމުގެ ގޮތުން ޗައިނާ ސަރުކާރުން އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކާ ދެކޮޅަށް، މިދިޔަ ހަފުތާގައި ފެށި މުޒާހަރާތައް، ޗައިނާގެ އެކި ސަރަހައްދުތަކަށް ފުޅާވެ ވަރުގަދަ ވާން ފަށައިފި އެވެ.
އިއްޔެ އާއި ރޭ ޗައިނާގެ އެކި ސަހަރުތަކުގައި މުޒާހަރާތައް ބޭއްވި އިރު، ޝަންހާއީ އާއި ބޮޑެތި އެހެން ބައެއް ސަހަރުތަކުގެ ބައެއް ޔުނިވަސިޓީތަކުގައި ވެސް ދަރިވަރުން ވަނީ ޗައިނާ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކޮށްފަ އެވެ. މުޒާހަރާގެ ބައިވެރިން އިއްޔެ ގޮވަމުން ދިޔައީ ޗައިނާގެ ވެރިކަމުން ކޮމިޔުނިސްޓް ޕާޓީ ދުރުވުމަށާއި ޗައިނާގެ ރައީސް ޝީ ޖިންޕންގް މަގާމުން އިސްތިއުފާ ދެއްވުމަށެވެ.
މިދިޔަ ހަފުތާގައި ފެށި މުޒާހަރާތައް އިއްޔެ އިން ފެށިގެން ވަރުގަދަ ވާން ފެށީ، ޗައިނާގެ ޝިންޖިއާން ސަރަހައްދުގައި ހުރި އެޕާޓްމަންޓް އިމާރާތެއްގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި 10 މީހުން މަރުވެފައި ވަނިކޮށެވެ. އިއްޔެ އަލަށް މުޒާހަރާތައް ބޭއްވި ބައެއް ސަރަހައްދުތަކުގެ މީހުން ބުނާ ގޮތުގައި ޝިންޖިއާންގެ އަލިފާނުގެ ހާދިސާގައި ގިނަ ބަޔަކު މަރުވީ، ކޮވިޑާ ދެކޮޅަށް އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކާ ހެދި، އަލިފާން ނިއްވާ މީހުން އެ ހިސާބަށް ދިއުން ލަސްވުމުންނެވެ.
ނަމަވެސް ޗައިނާ ސަރުކާރުން ބުނާ ގޮތުގައި އެޕާޓްމަންޓް އިމާރާތުގައި ރޯވި އަލިފާންގަނޑު ނިއްވައިލުން ލަސްވީ، ފުރަބަންދުގެ ފިޔަވަޅުތަކާ ހެދިއެއް ނޫނެވެ. އެއީ އަލިފާން ނިއްވާ އިދާރާގެ މުވައްޒަފުންގެ އިހުމާލުން ކުރިމަތިވި ލަސްވުމެއް ކަމަށާއި، އިހުމާލުވި މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ޗައިނާ ސަރުކާރުން ބުންޏެވެ.
އިއްޔެ އާއި ރޭ މަގުތަކަށް ނުކުމެ މުޒާހަރާ ކުރި މީހުން މައިތިރިކުރުމަށް މަގުތަކަށް ފުލުހުން ނުކުމެ ކަރުނަގޭހާއި މުގުރުގެ ބޭނުންކުރި އެވެ. މިއަދު އިރު އެރި އިރު، މުޒާހަރާ ކުރާ މީހުން މަގުތަކުން ނުފެންނަ ކަމަށާއި ފޯރިމަރާ ފުލުހުން މަގުތަކުގައި ސަލާމަތީ ކަންތައް ބަލަހައްޓަމުންދާ ކަމަށް ޗައިނާގައި ތިބޭ ބޭރުގެ ނޫސްވެރިން ބުނެ އެވެ.
މުޒާހަރާގައި ބައިވެރިވި ބައެއް މީހުންނާ ހަވާލާދީ ހުޅަނގުގެ މީޑިއާތަކުން ބުނާ ގޮތުގައި ފުލުހުން ނުކުމެ މުޒާހަރާތައް ރޫޅައިލީ، ހާލަތާ ނުބައްދަލު މިންވަރަކަށް ބާރުގެ ބޭނުންކޮށްގެންނެވެ. އެ ގޮތުން ޕެޕާ ސްޕްރޭ އާއި މުގުރުގެ ބޭނުންކުރި ކަމަށް މުޒާހަރާގެ ބައިވެރިން ބުނެ އެވެ.
ޑިސެމްބަރު 2019 ގައި ޗައިނާގައި ފެތުރެން ފެށި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ޗައިނާގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި އޮންނަތާ ތިން އަހަރުވަނީ އެވެ. އެއްވެސް ސަހަރެއްގައި އެ ބަލި ފެތުރެން ފަށާއިރަށް، އެ ސަހަރެއްގައި އާންމުން ބޭރަށް ނުކުމެ އުޅުން މަނާކޮށް، ސިއްހީ ދާއިރާގެ އޮފިޝަލުން ނުކުމެ މީހުންގެ ހަށިގަނޑުން ސާމްޕަލް ނަގައި ބައްޔަށް ޓެސްޓު ކުރުން އިތުރުކުރެ އެވެ.
ކޮވިޑުން ރައްކާތެރިވުމަށް ދުނިޔޭގެ ހުރިހާ ގައުމުތަކެއްގައި ވެސް ހަރުކަށި ފިޔަވަޅުތަކެއް އެޅި އެވެ. ނަމަވެސް، 2021 ވަނަ އަހަރުގެ ތެރޭގައި ކޮވިޑްގެ ވެކްސިން އުފައްދައި ބޭނުންކުރަން ފެށުމާ ގުޅިގެން، ގިނަ ގައުމުތަކުގައި ވަނީ ކޮވިޑް ކޮންޓްރޯލް ކުރެވިފަ އެވެ. ބޯޑަރުތައް ބަންދުކޮށް ފުރަބަންދުކުރި ގިނަ ގައުމުތައް ވެސް މިހާރު ވަނީ ފުރަބަންދުގެ ހާލަތު އުވާލައި ބޯޑަރުތައް ހުޅުވާލައިފަ އެވެ.