ޔުކްރެއިންގެ އެކި ސަރަހައްދުތައް ކޮންޓްރޯލް ކުރަނީ ކޮންބައެއް؟
އިންސްޓިޓިއުޓް ފޮރ ދަ ސްޓަޑީ އޮފް ވޯރ އިން ބުނާގޮތުން ޔުކްރެއިންގެ ސިފައިންވަނީ ޚާރކިވްގެ އުތުރުއިރުމަތި ފަރާތުން ކުރިއެރުންތަކެއް ހޯދާފައެވެ. އަދި ރަޝިޔާގެ ސިފައިން ދަނީ ބަޚްމުތު އަދި އަވްޑިވްކާ އާއި ދިމާލުން ދެމުންދާ ހަމަލާތައް ކުރިއަށް ގެންދަމުންނެވެ.
އަދި މީގެ އިތުރުން ރަޝިޔާއިން ދަނީ މީހުން ދިރިއުޅޭ ސަރަހައްދުތަކަށާއި ކަރަންޓް އުފައްދަން ބޭނުންކުރާ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ.
ހަނގުރާމަ ފެށިގެން ދިޔަގޮތް
މާރޗް 2021 – ރަޝިޔާއިން ޔުކްރެއިން ބޯޑަރު ކައިރިއަށް ސިފައިން ޖަމާކުރަން ފެށި.
ޑިސެމްބަރ 2021 – ގާތްގަނޑަކަށް 100،000 ރަޝިޔާ ސިފައިން ޔުކްރެއިންގެ ބޯޑަރު ކައިރިއަށް ޖަމާކުރި.
ޖެނުއަރީ 2022 – ރަޝިޔާ، ނޭޓޯ އަދި އޯއެސްސީއީ އިން ވާހަކަތައް ބޭއްވި.
އެމެރިކާ އާއި ރަޝިޔާއިން ޖެނީވާގައި ދެގައުމު ސުލްހަކުރުމަށްޓަކައި ބައްދަލުކުރި. ނަމަވެސް ތަފާތުތައް ނައްތައެއް ނުލެވުނު.
އަދި ނޭޓޯ އިން ސިފައިން ތައްޔާރީ ހާލަތަކަށް ގެނައި.
ފެބުރުއަރީ 2022 – ޔުކްރެއިން އާއި ރަޝިޔާއިން އަސްކަރީ ތަމްރީނުތަކެއް ބޭއްވި.
ރަޝިޔާގެ ރައީސް ޕުޓިން ރަޝިޔާ ސިފައިން ޔުކްރެއިންގެ ވަކިވެގަންނަން މަސައްކަތްކުރާ ފަރާތްތަކުގެ ބާރުގެ ދަށުގެ އޮތް ސަރަހައްދުތަކަށް ފޮނުވި.
ހުޅަނގުގެ ބާރުތަކުން ރަޝިޔާއަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ގޮވާލި.
ރަޝިޔާއިން ޔުކްރެއިން ހިފުމަށް ހަނގުރާމަ ފެށި.
ޔޫއެސްއެސްއާރުގެ ތާރީޚު
ރަޝިޔާ އާއި ޔުކްރެއިން އަކީ ސޯވިއެޓް ޔޫނިއަންގެ 15 ޖުމްހޫރިއްޔާގެ ތެރޭގައި ހިމެނުނު ދެ ގައުމެވެ. 1991 ވަނަ އަހަރު ސޯވިއެޓް ޔޫނިއުން ރޫޅުމާއި އެކު އެއަހަރުގެ އޮގަސްޓް މަހު 24 ވަނަ ދުވަހު ޔުކްރެއިން މިނިވަންކަން އިއުލާން ކުރިއެވެ.
ސިޔާސީ ވެރިކަން
ޔުކްރެެއިން އަށް މިނިވަންކަން ލިބުމާއި އެކު ރަޝިޔާގެ އަޅުވެތިކަމުގެ ރަމުޒްތައް ނައްތާލުމަށްޓަކައި މަސައްކަތްކުރިއެވެ. އަދި ހުޅަނގުގެ ގައުމުތަކާއި އެކު ދިޔައީ ގުޅުން ބަދަހި ކުރަމުންނެވެ.
ފާއިތުވި 30 އަހަރު ތެރޭ ޔުކްރެއިންގައި 7 ރައީސުން ވެރިކަން ކޮށްފައިވެއެވެ. އަދި ޑިމޮކްރަސީއަށް ކުރި މި ދަތުރުގައި 2 އިންގިލާބު ގެނެސްފައި ވެއެވެ. ފުރަމަމަ އިންގިލާބު ގެނެވުނީ 2005 ގައެވެ. އަދި ދެވަނަ އިންގިލާބު ގެނެވުނީ 2014 ގައެވެ. މި ދެ ފަހަރުވެސް މުޒާހަރާކުރި މީހުން ރަޝިޔާގެ އަޅުވެތިކަމާއި ދެކޮޅުހެދިއެވެ. އަދި ޔޫރަޕިއަން ޔޫނިއަން އާއި ނޭޓޯ އާއި ގުޅެން ބޭނުންވިއެވެ.
އެނެއްކޮޅުން ރަޝިޔާގައި މި މުއްދަތުތެރޭގައި ވެރިކަން ކުރީ 3 ރައީސުންނެވެ. ރައީސް ޕޫޓިން ވެރިކަމުގައި ހުންނަތާ 17 އަހަރުވެއްޖެއެވެ.
ޕޫޓިން ތަކުރާރުކޮށް ބުނަމުން އަންނަނީ ރަޝިޔާ މީހުންނާއި ޔުކްރެއިން މީހުންނަކީ އެއްބައެއް ކަމަށެވެ. އަދި އެއީ ރަޝިޔާގެ ހަޟާރާތުގެ ބައެއް ކަމަށެވެ. އޭގެ ތެރޭގައި ބެލަރޫސް ހިމެނެއެވެ. އެހެން ނަމަވެސް ޔުކްރެއިން އިން މިކަމެއް ގަބޫލެއް ނުކުރެއެވެ.
ޔުކްރެއިން އާއި ރަޝިޔާގެ ބޮޑުމިން
ޔުކްރެއިންގެ އާބާދީ އަކީ ގާތްގަނޑަކަށް 44 މިލިއަނެވެ. އެއީ ޔޫރަޕުގެ 7 ވަނައަށް އެންމެ އާބާދީ ބޮޑު ގައުމެވެ. އެގައުމު ބެހިގެން ވަނީ 24 ސަރަހައްދަކަށެވެ. މި ސަރަހައްދުތަކަށް ކިޔަނީ އޮބްލާސްޓް އެވެ. ސައިޒުގެ ގޮތުން ބަލާނަމަ ޔުކްރެއިން އަކީ ރަޝިޔާއަށްފަހު ޔޫރަޕްގެ ދެވަނައަށް އެންމެ ބޮޑުގައުމެވެ. އެއީ 603،550 އަކަ ކިލީމީޓަރެވެ.
ޔޫރަޕްގައި ނޭޓޯ
ނޭޓޯ އަކީ ދުނިޔޭގައި އޮތް އެންމެ ބާރުގަދަ ގުޅިފައިވާ އަސްކަރީ ބާރެވެ. ނޭޓޯގައި 30 ގައުމު ހިމެނޭއިރު، ނޭޓޯގެ މައިގަނޑު ބޭނުމަކީ މެންބަރު ގައުމުތައް ސިޔާސީ އަދި އަސްކަރީގޮތުން ދިފާއުކުރުމެވެ.
ނޭޓޯގެ މަރުކަޒުތައް ރަޝިޔާގެ ސަރަހައްދީ ރޮނގު ކައިރީގައި ހުރުމަކީ ރަޝިޔާ ވަރަށް ދެކޮޅުހަދާ ކަމެކެވެ. އަދި އިރުމަތީ ޔޫރަޕަށް ނޭޓޯ ފުޅާ ނުކުރުމަށް އެދި ރަޝިޔާއިން ވަނީ ނޭޓޯގައި އެދިފައެވެ. ރަޝިޔާގެ އެންމެ މުހިންމު އެއް އެދުމަކީ ޔުކްރެއިން ނޭޓޯ އަށް ނުވެއްދުމެވެ. ރަޝިޔާއިން ދެކޭގޮތުގައި މީ ރަތް ރޮނގެވެ. އެކަމަކު އެމެރިކާއިން ރަޝިޔާގެ މި އެދުނު އެދުން ގަބޫލެއް ނުކުރެއެވެ.
އަސްކަރީ ބާރު
ރަޝިޔާ އަކީ ދުނިޔޭގެ އެންމެ ވަރުގަދަ އަސްކަރިއްޔާތަކުގެ ތެރޭގައި ހިމެނޭ ގައުމުގެކެވެ. އަދި އެއީ ދިފާއީ ބާރުތަކަށް އެންމެ ބޮޑަށް ހޭދަކުރާ 5 ގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.
2020 ވަނަ އަހަރު 61.7 ބިލިޔަން ޑޮލަރު އެގައުމުގެ އަސްކަރިއްޔާއަށް ރަޝިޔާއިން ހޭދަކޮށްފައި ވެއެވެ. އެއީ ގާތްގަނޑަކަށް ސަރުކާރުގެ ހަރަދުތަކުގެ 11.4 އިން ސައްތައެވެ. އަނެއްކޮޅުން ޔުކްރެއިން އެގައުމުގެ އަސްކަރިއްޔާއަށް ހަރަދުކޮށްފައިވަނީ 5.9 ބިލިޔަން ޑޮލަރެވެ. އެއީ ސަރުކާރުގެ ބަޖެޓްގެ 8.8 އިން ސައްތައެވެ (ސްޓްކޮހޮލމް އިންޓަރނޭޝަނަލް ޕީސް ރިސަރޗް އިންސްޓިޓިއުޓް).
ރަޝިޔާ-ޔުކްރެއިންގެ ނުތަތނަވަސްކަން ފެށުމާއިއެކު ރަޝިޔާއިން ޔުކްރެއިން ހިފާފާނެ ކަމުގެ ބިރަށްޓަކައި ނޭޓޯއިން ދިޔައީ އަސްކަރީ ހަތިޔާރު ޔުކްރެއިން އަށް ފޮނުވަމުންނެވެ.
ތެޔޮ އަދި ގުދުރަތީ ގޭހުގެ މުއްސަނދިކަން
މި ދެގައުމަކީވެސް ތެލާއި ގޭހުގެ މުއްސަނދިކަން ލިބިގެންވާ ދެ ގައުމެވެ. ދުނިޔޭގައި އޮތް އެންމެބޮޑު ޔަގީންކުރެވިފައިވާ ގޭސް ރިޒާވް އޮތީ ރަޝިޔާގައެވެ. އެއީ 48،938 ބިލިޔަން ކިއުބިކް މީޓަރުގެ ގޭހެވެ. އެގައުމުގެ 70 އިން ސައްތައަށްވުރެ ބޮޑު ގޭސް ރިޒާވްއެއް ކޮންޓްރޯލްކުރަނީ ސަރުކާރުގެ ގެޒްޕްރޮމް ކުންފުނިންނެވެ.
ޔޫރަޕަށް ބޭނުންވާ ގޭހުގެ 3 ބައިކުޅަ އެއްބައި ގޭސް ފޯރުކޮށްދެނީ ރަޝިޔާއިންނެވެ.
އަދި މީގެ އިތުރުން ދުނިޔޭގެ ތެލުގެ އެންމެ ބޮޑު އެއް ރިޒާރވް ވެސް އޮންނަނީ ރަޝިޔާގައެވެ. އެއީ 80 ބިލިޔަން ފީފާއެވެ. ނުވަތަ މުޅި ދުނިޔޭގެ ތެލުގެ ރިޒާވްގެ 5 އިން ސައްތައެވެ.
ޔުކްރެއިން އަކީވެސް ތެލުގެ މުއްސަނދިކަން ލިބިފައިވާ ގައުމެކެވެ. އެގައުމުގައި 395 މިލިއަން ފީފާގެ ތެލުގެ ރިޒާވެއް އެބައޮތެވެ. އަދި 349 ބިލިއަން ކިއުބިކް މީޓަރުގެ ގޭހުގެ ރިޒާވެއް އެބައޮތެވެ. އަދި އެގައުމު އޮންނަނީ ޔޫރަޕާއި ރަޝިޔާއާއި ދޭތެރެ މެދުގައިވެ. މިގޮތުން ރަޝިޔާގެ ގޭސް ޔޫރަޕަށް ފޯރުކޮށްދިނުމުގައި އެގައުމުން ވަރަށް ބޮޑު ރޯލެއް އަދާކުރެއެވެ.